ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިހާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރަމުންދާނެއެވެ. އަދި މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް އެދުވަހާއި ހަމައަށް ފުރުސަތު އޮންނާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުން ކަންވެސް ފާހަގަކުރެވެއެވެ. މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އަދި ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިހާބުކުރާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިހާބުގައި 665 ކެންޑިޑޭޓުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި 144,527 އަންހެނުންނާއި 150,410 ފިރިހެނުން ހިމެނެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހު ކަމަށް އީސީން ބުނެފައިވެއެވެ.



