ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް ހުއްޓާލަން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއިބެހޭ ވުޒާރާއިން އަންގައިފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި ވިޔަފާރިތައް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލާނެ ކަމަށެވެ.
3 ސެޕްޓެމްބަރު 2024 ގައި ތަސްދީގުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން ބަންދުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީ ހިމެނޭއިރު ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖާ ސޭލްސް އޭޖެންޓްގެ ހިދުމަތްތައްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި މި ދާއިރާ ތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، އާއު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސްއާ އެއްގޮތަށް އަމަލުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން އެގްޒިޓް ވާންޖެހޭނެ ކަމަށްވެސް ވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.
ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ މިހާރު އަމަލުކުރަމުންދާ ފޮރިން އިންވެސްޓްމަންޓު އެންޓްރީ ރިކުއަމަންޓްސްގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރުން ބަންދުކުރެވިފައިވާ ދާއިރާއެއްގައި ވިޔަފާރި ކުރުމަށް ކުރިން ދޫކޮށްފައިވާ ހުއްދައަކާ ގުޅިގެން ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި އެ ވިޔަފާރިތަކުން އެގްޒިޓް ވުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ. އެގޮތުން ތިރީގައި ބަޔާންކުރެވިފައިވާ ދާއިރާތަކަކީ ދިވެހިންނަށް ހާއްސަކުރެވިފައިވާ އަދި ބޭރުގެ ވިޔަފާރިތަކަށް ވިޔަފާރި ކުރުން ބަންދުކުރެވިފައިވާ ދާއިރާތަކެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



