ހުޅުމާލޭގައި ތަރައްޤީކުރާ ”ގްރީން ނާސަރީ“ މި އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް މަޝްރޫޢުގެ %30 މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިއަލަށް ނިންމައި ބޭނުންކުރަން ފެށުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ނާސަރީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
”ފައުންޑޭޝަންގެ މަސައްކަތް މިހާރު ނިމުމާއި ގާތްވެފައިވާއިރު ނާސަރީގެ %30 މަސައްކަތް މިހާރުވަނީ ނިމިފަ. މި ނާސަރީއަކީވެސް މުސްތަޤުބަލުގައި އެޗްޑީސީން މީގެ އޯނާޝިޕް ނަގައިގެން ކުރިއަށްގެންދާނެ މަޝްރޫޢެއް.“ ވަޒީރު ވިދާޅުވިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މިއަހަރުވެސް އެއް މިލިޔަން ގަސް އިންދުމަށް އަމާޒުކޮށްފައިވާއިރު މިހާތަނަށް ޖުމްލަ 2.3 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާކަންވެސް ފާހަގަކުރެވެއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ނާސަރީތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.



