އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ކަމަށްވާ އިންޑިއާގެ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ވުޒާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެފައިވާއިރު އިންޑިއާ ސަރުކާރުގެވެސް އިސްވެރިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަޝްވަރާކުރެވުނެވެ. އަދި އިންޑިއާއިން ރާއްޖެ އާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ރާމް މޯހަން ވިދާޅުވިއެވެ. ޚާއްސަ ގޮތެއްގައި ސިވިލް އޭވިއޭޝަންގެ ދާއިރާއިން ފުރުސަތުތައް ތަނަވަސް ކޮއްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ރާމް މޯހަން ނައިޑޫ ވަނީ ދެއްވަވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކޮށްދެވެން ހުރި ކަންތައްތަކާއިބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުން ނިންމަވާލެއްވީ ދެ ގައުމަށްވެސް ދިމާވާ އެކި ކަންތައްތަކުގައި ދެ ގައުމުން ލަހެއް ނެތި އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަހަރު އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރިގެންދާނެކަން ފާހަގަކުރެވެއެވެ.



