މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ”ދިވެހީންގެރާއްޖެ“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ގިޔަމުތަކާއި ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތާއި، ތަރައްގީގެ މަސައްކަތްތައް ތަރުތީބު ކުރައްވަނީ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީންކަމަށްވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ.
މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމުގައިވާ، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލަ އާއި ބިދޭސީންގެ މައްސަލަތަކަށް އަލި އަޅުވާލައްވާ ރައީސް ވިދާޅުވީ އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވަނީ، ފަސޭހަ ގޮތްތައް އިހުތިޔާރުކުރެއްވުމުގެ ބަދަލުގައި، ރަނގަޅު ގޮތް އިހުތިޔާރުކުރައްވައިގެން ކަމަށެވެ.
އެގޮތުން، އެ ދާއިރާއިން ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ކުރަނގި އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅުއްވުމާއި، މިދިޔަ ބުރާސްފަތި ދުވަހު ފެށި ހާއްސަ އޮޕަރޭޝަނާއި، ޝަރުއީ ދާއިރާއަށް ފުރިހަމަ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން އަދުލު އިންސާފު ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
މޯލްޑިވްސް ފާސްޓް ހާރިޖީ ސިޔާސަތާއި، ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރައްވައި، ހަމަޖެހުން ގާއިމުކުރެއްވުމުގެ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިޒްރޭލް ފިޔަވައި އެހެން ހުރިހާ ގައުމަކަށް ރާއްޖެއިން މަރުހަބާ ކިޔާނޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިޒްރޭލުގެ ޕާސްޕޯޓަށް ރާއްޖެއިން މަރުހަބާ ނުކިޔާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ތަރައްގީގެ މަސައްކަތްތަކަށް ހުރަހަކަށް ނުވާނޭ ގޮތަށް، މަޝްރޫއުތަކަށް ހުއްޓުމެއް ނާންނާނޭ މޭރުމުން ކައުންސިލަރުން އިހުތިޔާރުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ މަސައްކަތަކަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.





