- އިސްތިހާރު -spot_img

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ އިންސާނިއްޔަތަށްޓަކައި ކުރާ ކަމެއް: ޑރ. މުއްތަލިބު

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭ ކަމެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފަށާ އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ސިޔާސީ ބޭނުންތަކަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ފަށާ ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭންޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދާއިމީ ބޯހިޔާވަހިކަމަކީ ހުރިހާ ރައްޔިތުންނަށްވެސް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ގިނަ އާއިލާތަކަކީ ތަނަވަސް ދިރިއުޅުމެއް ލިބިފައިނުވާ އާއިލާތަކެއް ކަމަށާއި، ރައީސްގެ ވެރިކަމުގައި މިފަދަ ފަރާތްތައް ބާކީ ނުކުރައްވާނެ ކަމަށާއި،  ހާލުގައި އުޅޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ ހާއްސަ އުސޫލެއް ކަނޑައަލާ އޭގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދާ ކަން ފާހަގަކުރައްވާ ވަޒީރު ވަނީ ބޯހިޔާވަހި ކަމަކީ ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގެއް ކަމަށެވެ. އަދި އެ ހައްގު އަދާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީޒިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ ބިންގާ އެޅުމާއި އަމަލީ މަސައްކަތް ރޭ ފަށާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުއިއްޒުއެވެ.

މި މަޝްރޫއުގެ މަސައްކަތް ބެއިންޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި ހަވާލުކޮށްފައިވާއިރު މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން“ މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެއް ކަމަށްވާއިރު މިއީ ”ލީސް-ޓު-އޯން“ މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. އަދި މި މަޝްރޫއުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ގެދޮރުވެރިކަމާބެހޭ ވަޒީރުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ އާއި ބީއެމްއެލް އާއި ބީޔޫސީޖީގެ އިސްވެރީންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި