މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ”ރަން ދިހަ ފަހެއް“ ނޫޓު ސީރީޒްގެ 10 ރުފިޔާގެ އާ ނޫޓުތަކެއް ގެނެސް، އަންނަ މަހު އެކެއްގައި ދައުރުކުރަން ފަށާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ 10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އާ ސްޓޮކެއް ގެނެސްފައިވަނީ މިއަދު ކަމަށާއި، ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕު ކޮށްގެން ރޭ 10 ރުފިޔާގެ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށެވެ.
ހަމައެހެންމެ މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގުތިސޯދުގެ ތެރޭގައި ނަގުދު ފައިސާ ދައުރު ކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށް ދިނުމާއި އަދި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބާވެ ހަލާކުވެގެން ނަގާ ނޫޓު ތަކުގެ ބަދަލުގައި ބޭނުންކުރުން ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އަލަށް ޗާޕު ކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ސަފަރު 1447 ކަން ފާހަގަ ކުރެވެއެވެ.




