އެންސްޕާގެ ހުރިހާ ހިދުމަތްތަކެއް އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލްކުރުމަކީ އުންމީދެއް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ އެންސްޕާގެ މުހިންމު ފަސް ހިދުމަތެއް ސަރުކާރުގެ ޑިޖިޓަލް ޕްލެޓް ފޯމް ވަންގަވްއާ ގުޅާލުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ އެންސްޕާގެ ހުރިހާ ހިދުމަތްތަކެއް އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލްކުރުމާއިއެކު ހިދުމަތްތައް ލިބޭނެ މުއްދަތު އަވަސްވެ، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް ދިގު އިންތިޒާރަކަށް ލިބިގެންދިޔަ ނިމުމެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މި ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގު ފަހިވެގެންދިއުމަކީ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ އެންސްޕާއިން ހިދުމަތް ދެމުންދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތެރަޕިއުޓިކް ފަރުވާއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ފަދަ ވަލްނަރަބަލް ކޮމިއުނިޓީ އަކަށް ކަމަށެވެ.
ހީނާ ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަވަސް ހިދުމަތެއް ނުލިބުން ކަމަށްވީނަމަވެސް ވަންގަވް މެދުވެރިކޮށް ޑިޖިޓަލްކޮށް އެންސްޕާގެ ހިދުމަތްތައް ލިބިގެންދިއުމާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހީނާ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް އަދި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޓްރާންސްޕޭރަންޓްކޮށް އެފިޝިއަންޓްކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
”މިއަދު ފަސް ޕްރޮގްރާމެއް އިފްތިތާހުކުރެވިގެން ދިޔަކަމުގައި ވިއަސް އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މުޅި އެންސްޕާގެ ހުރިހާ ހިދުމަތްތަކެއް މިއަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލްކުރުން.“ ހީނާ ވިދާޅުވިއެވެ.





