ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 ގެ އިވެންޓުގައި ރާއްޖެއަށް މެޑަލް ހޯދާދެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ފާތިމަތު ނަބާހާ އަބްދުއްރައްޒާގު އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ، ރަން މެޑަލް ހޯދާފައިވާ ކަމަށެވެ. އަދި މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީހާ އަބްދުއްރައްޒާގުގެ ޕެއާއިން ރިހި މެޑަލްވެސް ހޯދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވީއެވެ.
”މި ޝަރަފްވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި އެތުލީޓުންނަށް ތަހުނިޔާ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
މި މުބާރާތުން ރާއްޖެއިން މެޑަލް ހޯދާފައިވާ ތަފްސީލުތަކަށް ބަލާއިރު މިކްސް ޑަބަލްސް ފައިނަލުގައި، ރިވައިވަލްގެ ނަބާހާ އާއި ޒަޔާން ކުޅުނީ މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަހުމަދުގެ ޕެއާއާ ވާދަކޮށް، އެ މެޗުން ރާއްޖެ ޓީމު ކުރިހޯދާފައިވަނީ 21-18، 22-20 އިންނެވެ. އަދި މިއީ، ބީޑަބްލިއުއެފް މުބާރާތް ތަކުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅުނު ތިން ވަނަ ފައިނަލެވެ.
އަންހެން ޑަބަލްސް ފައިނަލުގައި، ނަބާހާ އާއި ނަބީހާ، ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އަތުން 21-16، 21-14 އިން ބަލިވެފައިވާއިރު ރިހި މެޑަލް ނަބީ އާއި ނަބާ އަށް ލިބިފައިވަނީ ބައިނަލްއަގުވާމީ މުބާރާތް ތަކުގައި މި ޕެއާ އިން ހޯދި 13 ވަނަ މެޑަލްއާއި އެކުއިކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ ނަބީ އާއި ނަބާގެ ޕެއާ އިން، ބައިނަލްއަގުވާމީ މުބާރާތް ތަކުގައި، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަވެއެވެ.
ރިވައިވަލް އިން ދެން ވާދަކުރުމަށް ހަމަޖެހިފައިވަނީ މި މަހު 20-23 އަށް ކުރިއަށްދާ ބޮޓްސްވާނާ އިންޓާނޭޝަނަލާއި މި މަހު 27-30 އަށް ސައުތު އެފްރިކާގައި ބާއްވާ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލްގަ އެވެ.
ރައީސްގެ އިތުރުން ނައިބު ރައީސްވެސް ވަނީ ރާއްޖެއަށް މެޑަލް ހޯދާދެއްވި ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.




