- އިސްތިހާރު -spot_img

މިދިޔަ ސަރުކާރު ނިމުންއިރު އެތައް ބިލިއަން ރުފިޔާއެއް ދަރަނީގެ ގޮތުގައި ހުރި: ފަލާހު

މިދިޔަ ސަރުކާރު ނިމުން އިރު އެތައް ބިލިއަން ރުފިޔާއެއް ދަރަނީގެ ގޮތުގައި ހުރިކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީން ތަރައްގީއަށް ކޮށްފައިވާ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދަރަނީގެ ގޮތުގައި ކަން އާދައިގެ މީހާއަށް ވެސް ވިސްނާލީމާ އިނގޭނެ ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި ހަތަރު ނުވަތަ ފަސް ބިލިއަން ރުފިޔާ ދޭންޖެހޭ ފަރާތްތަކަށް ދީފައި ހުރީ އެންމެ ބިލިއަނެއްހާ ރުފިޔާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތާއި، ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް މިއަންނަ އަހަރުގެ ބަޖެޓް ހަދާފައިވާ އިރު، ދިވެހިރާއްޖޭގެ ބަޖެޓަކީ ގާތްގަނޑަކަށް 90 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއްގެ ގޮތުން، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުން ފަތުރުވެރިންގެ ދަތުރުފަތުރަށް ކުރާ އަސަރު، ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ބޮޑު ބަޖެޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރިއާޔަތް ކުރައްވާ ފަލާހު ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް މިއަހަރުގެ ބަޖެޓް ފޮތާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތް ބަލާލުމުންވެސް ކަންކަން ސާފުވެގެންދާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ މިދިޔަ ސަރުކާރުން ހަމައެކަނި ކޮށްފައިވާ ކަމަކީ މަޝްރޫއުތަކުގެ ބިންގާ އެޅުން ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު ރާއްޖެއަށް ތެޔޮ ގެންނަ ހަތަރު ބޯޓެއް ލަންކާ ބަދަރުގައި ފައިސާ ނުދައްކައިގެން ނާންނަން އޮތް ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު ރާއްޖެއަށް ތެޔޮ ގެނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި