ކުރީ ސަރުކާރުތަކުންވެސް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވާ ކަމަށާއި މިއަހަރު ނިމޭނީ ސަރުކާރުން ކަޑައަޅާފައިވާ ޓާގެޓާއި އެއްގޮތަށް، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންނުޖެހި ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާއި ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުންނެވެ.
އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ އެ ކަންކަމަށް ރިއާޔަތްކުރެވި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނުލިބޭނެ ފަދަ ބަޖެޓެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ބަޖެޓަކީ އިކޮނޮމިސްޓުންނާއި އެމްއެމްއޭއިންވެސް ލަފާ ކުރާ ގޮތަށް ދެމެހެއްޓެނިވި ބަޖެޓެއް ކަމަށެވެ. އަދި އެއީ ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރުމަށް ތަފާތު ކަންކަން ހިމަނާފައިވާ ބަޖެޓެއް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން ދަނީ ރީޖަނަލް އެއާޕޯޓުތަކަކީ ދައުލަތަށް ފައިދާ ވާނެ ތަންތަނަށް ހެދުމުގެ މަސައްކަތްތައް ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފައިނުވާ ކަމަށެވެ.





