މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބޭރު ދުނިޔެއިންވެސް ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ފާހަގަކުރާ ”ހަފްތާ- 104“ އާއި ބެހޭ ގޮތުން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓާވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރު އުފުލި، ކުރިއަށްވުރެ ބޮޑަށް ބަސް ވިކޭ ގައުމަކަށް ރާއްޖެވެފައިވާ ކަމަށެވެ. އަދި ރައީސްގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ރާއްޖެ އާއި ދިވެހިންގެ މަސްލަހަތު އަބަދުވެސް އިސްކުރުން ކަމަށެވެ.
ރާއްޖެއަށް ފައިދާ ހުރި ކޮންމެކަމެއް ކޮށްދޭ ބަޔަކާއެކުވެސް ގާތްގުޅުމެއް ރާއްޖޭން ބާއްވާނެ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ”މޯލްޑިވްސް ފަސްޓް ޕޮލިސީ“ އަކީ މިއަދު ބޭރުގެ ގައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސްގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ތެރެއިން ބޭރު ގައުމުތަކާއެކު އޮންނަ ގުޅުން މިއިން ދުވަހަކު ބަދަހި ނުވާ މިންވަރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިންކަމަށްވާ އިންޑިއާ އާއި ޗައިނާއާއެކު އޮތް ބަދަހިގުޅުމާއި، އަރަބި ދުނިޔޭގެ ގައުމުތަކާ އަދި އެ ނޫންވެސް ދުރު ސަރަޙައްދުތަކުގެ ގައުމުތަކާއެކުވެސް މި ސަރުކާރަށް ވަރަށް ސްޓްރެޓިޖިކް ގުޅުންތަކެއް ގާއިމުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމަޢާތްތަކުގައި ރާއްޖޭގެ ހަރަކާތްތެރިވުން އިތުރުކޮށް، މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ހައި ލެވެލް ސްޓޭޓް ވިޒިޓްތަކާއި، އެކި ގައުމުތަކުގެ ލީޑަރުންނާއި، ވަޒީރުން ފެންވަރުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކި ގައުމު ތަކުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކާއި، ސްޓްރެޓިޖިކް ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަކީވެސް މިއަދު މުޅި ދުނިޔޭގެ ތައުރީފު ރާއްޖެއަށް ލިބެމުންދާ މަސައްކަތްތަކެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމުން ރާއްޖެއަކީ ކުޑަ ގައުމަކަށްވިޔަސް ހަމަޔާއި އިންސާފަށް ލޯބިކުރާ، އިންސާނީ ހައްގުތަކަށް އަޑުހަރުކޮށް ވަކާލާތު ކުރާ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ސާބިތުކޮށްދެމުންދާ ކަމަށެވެ.





