18 އަހަރުގެ އަންހެނަކަށް ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ގެ އެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތަކަށް ހިފަހައްޓާފައިވާ ކަމަށާއި އޭނާ ހިފަހައްޓާފައިވަނީ ގަދަކަމުން ކަމަށެވެ.
ފުލުހުން ބުނީ އަންހެން މީހާ ރަހީނުކޮށް އޭނާ އަށް ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، މިދިޔަ އަންގާރަ ދުވަހު 18:11 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ފޯ ސީޒަން، ކ. މާލެ އަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަހްމަދު އަހިލް މުނާޒު އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ދިޔަ އަންގާރަ ދުވަހުއެވެ.
އަހިލްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.





