- އިސްތިހާރު -spot_img

ކުޑަކުދިންނަކީ ގައުމުގެ ހިތް: ރައީސް

ރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ގައުމުގެ ހިތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހު، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކޮންމެ ކުއްޖަކަށް ރައްކާތެރިކަމާއި، ގަދަރާއި، ފުރުސަތުތައް ފުރިގެންވާ މުސްތަގްބަލެއް ކަށަވަރުކޮށްދިނުމަށް އެންމެންގެ ޒިންމާއެއް ކަމަށެވެ.

އަހަރެމެންގެ ދަރިންނަކީ އަހަރެމެންގެ އުންމީދު ކަމަށާއި ގައުމުގެ ކުޑަކުދިންނަކީ ގައުމުގެ ހިތް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރުމުގެ ބިންގަލަކީވެސް ކުޑަކުދިން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އެކުދިން އުފާވެރިކަމާއެކު ހެދިބޮޑުވެ ކުރިއަރައިގެން ދިއުން ކަށަވަރުކުރުމަށްޓަކައި، އެންމެ އެކުގައި މަސައްކަތްކުރުމަށް ރައީސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުން ކުރެ އިލްތިމާސްވެސް ކުރައްވާފައެވެ.

އެމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާވެސް ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އެކަމަނާ ވަނީ ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުއޫރުތަކާއި ހިޔާލުތަކަށް އިހުތިރާމު ކުރުމަށްވެސް މެޑަމްވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުސަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަގުބަލެއްގެ ތަސައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމައީ މަސްއޫލިއްޔަތެއްކަންވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ހައްގުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި