މިވީ ދެ އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއިން ކުރިއަށްގެންދާ ”ހަފްތާ-104“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލު މިއަދު ރާއްޖޭގައި ގާއިމުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެގޮތުން ސިޔާސީ ގޮތުން އެކި މީހުންނަށް ފިޔަވަޅު އެޅުން ނިމުމަކަށް ގެނެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުގައިވާ ގޮތަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކާއި އަދުގެ ސަރުކާރު ވަރަށް ތަފާތު ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ސިޔާސީ ހަމަޖެހުން ގާއިމުނުކުރެވޭ ވަރަށް މި ދެ އަހަރު ތެރޭގައި ސިޔާސީ ހަމަޖެހުންވެސް ގާއިމުވެފައިވާ ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުން ގާއިމު ކުރެވޭނީ، އަދުލު އިންސާފު ގާއިމުކުރެވިގެން ކަމަށްވާއިރު ޝަރުއީ ދާއިރާ މިނިވަން ކުރެއްވުމަށް ރައީސް މުއިއްޒު އަޅުއްވާފައިވާ ފިޔަވަޅުތަކުން އެކަން ހާސިލް ކުރެވޭނެ ކަމަށް އެމަނިކުފާނު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ތަމްސީލް ކުރާ ޕީއެންސީއަށް ދިނީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެގޮތުން ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ސަރުކާރުން ކުރައްވާ ކަންކަމަށް މަޖިލީހުން ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެ ކަމަށެވެ.





