ވިލިމާލޭގައި ގާއިމުުކުރާ ތިން ކޮޓަރީގެ 300 ހައުސިން ޔުނިޓު ހާއްސަކުރައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ހައުސިން ޔުނިޓުތަކަކީ މާލޭ ސަރަޙައްދުގައި ގާއިމުކުރައްވާނޭކަމަށް އިއުލާންކުރައްވާފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 300 ހައުސިން ޔުނިޓު ކަމަށެވެ. އަދި މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ހޮސްޕިޓާ އެހެންތަނަކަށް ބަދަލުކޮށްގެން މި މަސައްކަތްކުރާއިރު، ހިދުމަތްދިނުމުގައި ކުރިމަތިވެދާނޭ ދަތިތައް ކުޑަކުރެއްވުމެއްޓަކައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީގައި ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅު ކުރައްވާކަން ފާހަގަކުރައްވާފައެވެ.
އަދި އެ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށެވެ.
ހަމައެހެންމެ އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރު، ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވިލިމާލޭގައި ޔޫ.އެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ހުށަހަޅުއްވާފައިވާ ރަށުގައި ހުރި ގިނަ ދުވަސްވީ ދެ ގަސް ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން، ނެގުމަށް ރައީސްވަނީ ނިންމަވާފައެވެ.
ވިލިމާލެ ރައްޔިތުން ވަނީ، ކޯޕަރޭޝަނެއްގެ ދަށުން ވިލިމާލޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ މޫދަށް އެރޭ ސަރަހައްދު އިތުރަށް ތަރައްގީކުރައްވައި، ފެރީ އަދި އެތެރޭގެ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރައްވައި، ވިލިމާލޭގައި މަސްމާރުކޭޓެއް ގާއިމުކުރެއްވުމަށްވެސް ރައްޔިތުންވަނީ އެދިފައިވެއެވެ.
ވިލިމާލެ ރައްޔިތުން ފާހަގަކޮށްފައިވަނީ މިއީ، ގައުމަށް ވެރިޔަކު އިންތިހާބުވެވަޑައިގަތުމަށްފަހު ވިލިމާލޭ ރައްޔިތުންގެ ހާލު ބައްލަވަން ދައުރުގެ ތެރެއިން ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައްޔިތުންވަނީ މިކަމަށްޓަކާއި ރައީސްއަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ރައީސްވަނީ ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވިލިމާލޭގެ އުމްރާނީ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަރީޒު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ބުރިޖާއި، މަގު ހެދުމާއި، ހައުސިން ޔުނިޓާ ގުޅޭ އިތުރު ތަފްސީލުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ހަމައެހެންމެ މި ހުރިހާ މަސައްކަތެއް ކުރިއަށްގެންދެވުމުގައިވެސް، ރަށުގެ ވެށި، ފެހިކަން މަތީ ދެމެހެއްޓެވުމަށް އިސްކަން ދެއްވާނޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ބުރިޖުގެ މަސައްކަތް ނިމުނުކަމުގައިވިޔަސް، ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދުނުކުރައްވާ ކަމަށެވެ.





