އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ދޭންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ދުވަހުގެ މުނާސަބަތުގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ ބާވަތެއްގެ އަނިޔާއަކުންވެސް އަންހެނުންނާއި ކުޑަ އަންހެން ކުދިން ސަލާމަތް ކުރުމަށް ސާބިތުކަންމަތީ ދެމިތިބޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ކަހަލަ އަނިޔާއަކުންވެސް އަންހެނުން ރައްކާތެރި ކުރަންޖެހޭނެ ކަމަށެވެ. އަދި ހުރިހާ މީހުންނަށްވެސް ރައްކާތެރިކަމާއި އެކަން ކަށަވަރު ކުރެވޭނެ މުޖުތަމައުއެއް ބިނާ ކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން އެއްބައިވަންތަކަން ކުރިއަރާފައިވާއިރު އޮންލައިންކޮށް ބިރުދެއްކުމާއި ފުރައްސާރަކުރުންވެސް އިތުރުވަމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފުރައްސާރަކުރުމާއި ނާޖައިޒު ފައިދާ ނެގުމުގެ ނުރައްކާތެރި ހާދިސާތައްވެސް ގިނަ ވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ކަންކަމަށް އަންހެނުން ހޭލުންތެރިކޮށް ރައްކާތެރި މާހައުލެއް އެންމެން އެކުގައި ގާއިމުކޮށްދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮންމެ މީހަކީވެސް ރައްކާތެރިކަން ލިބެންޖެހޭނެ މީހެއް ކަމަށެވެ. އަދި އޮންލައިންކޮށް އަންހެނުންނާއި އަންހެން ކުދިންނަށް ބިރުދެއްކިގެން ނުވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.





