- އިސްތިހާރު -spot_img

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދަވައި، 2026 ވަނަ އަހަރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ -/64،202،565،720 (ފަސްދޮޅަސް ހަތަރުބިލިއަން ދުއިސައްތަ ދެމިލިއަން ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ހަތްސަތޭކަވިހި) ރުފިޔާގެ ދައުލަތުގެ ބަޖެޓު، އެ ބަޖެޓުގެ ޖުމްލަ އަދަދު އިތުރު ނުވާނޭހެން ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކާއި، އެ އިސްލާހުތައް ހިމެނޭހެން އެ މިނިސްޓްރީ އިން ހުށަހަޅުއްވާފައިވާ ”2026 ވަނަ އަހަރަށް ފާސްކުރާ ބަޖެޓު“ ގައިވާ ބަޖެޓު ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓްރަކްޗާއާ އެއްގޮތަށް، އަދި އެ ބަޖެޓަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފައިވާ ރެކޮމެންޑޭޝަނާއެކު ފާސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ ކަމުގައިވީ ނަމަވެސް ސަރުކާރުގެ ވުޒާރާތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރު އަނބުރާ ދައްކަންޖެހޭ ދަރަނި ނުހިމަނާ ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ.

މި ބިލަށް މެމްބަރުންނަށް ބަހުސްކުރުމަށް ފުރުސަތު ދީފައިވާއިރު އިދިކޮޅު މެމްބަރުން ވިދާޅުވަނީ މިބަޖެޓަކީ ގައުމުގެ ދަރަނި އިތުރުވެގެންދާނެ ފަދަ ބަޖެޓެއް ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 74 މެމްބަރުން ބަޖެޓު ފާސްކޮށްފައިވާއިރު 12 މެމްބަރުން ބަޖެޓު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

މި ބަޖެޓުގައި 40.2 ބިލިއަން ރުފިޔާ އަމްދަނީއަށް ލަފާކޮށްފައިވެއެވެ. އަދި 39.9 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށާއި، 9.3 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދަށް ހިމަނާފައިވެއެވެ. ހަމައެހެންމެ ބަޖެޓު ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާކަންވެސް ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި