ރާއްޖޭގައި މަސްތުވާތަކެތި ނައްތާލުމަށް ސަރުކާރުން ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ އޮޕަރޭޝަންގައި މިހާތަނަށް 110 މީހުން ހައްޔަރުކޮށްފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އޮޕަރޭޝަނާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމު ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް 29.68 ކިލޯގެ ޑްރަގު ހޯދިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓު، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމު ވިދާޅުވީ މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގެ 105 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ކުޑަކަމުދާ ތަކެތި ނަގާ ފާސްކޮށް، 61 މީހަކު މަސްތުވާތަކެއްޗަށް ފައްސިވެސް ވެފައވިާ ކަމަށެވެ.
މީގެ އިތުރުން 38 މީހަކު ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން އެއް ކަނޑު އުޅަނދެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި، ނުވަ އެއްގަމު އުޅަނދެއްވެސް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. އަދި އެދުވަހު ހެނދުނު 5:30 ގައި ފެށި މި އޮޕަރޭޝަނަކީ ގާތްގަނޑަކަށް ހައެއްކަ މަސްދުވަހު ފުލުހުންގެ އިންޓެލިޖެންސުން އެއްކުރެވިފައިވާ މައުލޫމާތުގެ އަލީގައި، ފުލުހުންގެ ބަހާތަކުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްކަން ފާހަގަކުރެވެއެވެ.
މި އޮފަރޭޝަން ފަށާފައިވަނީ ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން، 500 އަށް ވުރެ ގިނަ އޮފިސަރުންނާއެކުއެވެ. މިއީ މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.





