ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރިފައިވާއިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ގިނަ ކުރިއެރުންތަކާއި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.
އެގޮތުން އެ ވުޒާރާއިން ވަނީ ދިވެހި ޕްރޮފެޝަނަލް ޕައިލެޓުންނާއި އިންޖިނިއަރުން ހަދަންޖެހޭ އިމްތިހާންތައް ހެދުމަށް އަވަށްޓެރި ގައުމުތަކަށް ދާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް އިއާސާ އެޕްރުވްޑް ދާއިމީ އެގްޒާމް ސެންޓަރެއް ގާާއިމު ކޮށްފައިއެވެ. އެގޮތުން މިހާތަނަށް 209 އިމްތިހާނު ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން މެރިޓައިމް ދާއިރާއިން ދަތުރުފަތުރާއިބެހޭ ވުޒާރާއިން ސީމަނުންނަށް ދިމާވެފައި އޮތް، ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް (ސިޑް) ގެ މައްސަލަ މި ސަރުކާރުގެ ފުރަތަމަ ހަތް މަސް ތެރޭގައި ހާއްލުކޮށްފައިވެއެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި 138 ސީމަނުންނަށް މި ޑޮކިއުމެންޓް ހާވާލު ކުރެވިފައިވެއެވެ.
ހަމައެހެންމެ އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށްބަލާއިރު ޒަމާންތަކެއް ވަންދެން މާލެ އާއި، އަތޮޅު ތަކުގެ ވެރިކަންކުރާ ރަށްރަށުން އެކަނި ލިބެމުންއައި ލައިސަންސްގެ ހިދުމަތް އިތުރަށް ފުޅާކޮށް އިތުރު ރަށްރަށުން މި ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިހާތަނަށް ޖުމްލަ 53 ރަށެއްގައި މި ހިދުމަތް ތައާރަފް ކުރެވިފަވެއެވެ.
މީގެ އިތުރުންވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރެވެއެވެ. ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު ރިޔާސީ ވައުދުފުޅާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.




