ބްލިކް ވާކްސް ހިދުމަތުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާ މަސައްކަތްތައް ސަރުކާރުން އިސްނަގައިގެންވެސް ހައްލުކޮށްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގް ބިލުތަކަށް މިހާރު ފައިސާ ދައްކަވަން ފައްޓަވާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްވެރިންގެ ފައިސާގެ ކަންތައް ހައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާދެއްކުންވެސް ހަމައަކަށްއަޅުއްވާނޭ ކަމަށެވެ.
މި ބައްދަލުވުމުގައި ރައްޔިތުން، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާއިރު ރައްޔިތުންވަނީ މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަހައްދުތައް އަދި ޕަބްލިކް ވާކްސް އާ ގުޅުންހުރި ކަންކަމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި، ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނޭ މަރުކަޒުތައް ނެތުމުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ހިޔާލުފާޅުކޮށްފައެވެ.
މި ކަންކަމުގެ ތެރެއިން ބައެއް ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާލޭ ޓެކްސީ ލައިނަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ސަލްޓަން ޕާކުގެ ވިންޓާ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިން މަރުކަޒަކާއި ބުރުޒު މަގުގައި އާކޭޑެއް އަދި ކުޑަކުދިންގެ ކުޅިވަރު ކުރޭ މަރުކަޒެއް ތަރައްގީކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަން ރައީސް ވިދާޅުވީ މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާބެހޭ ފަރާތްތަކުން ބައްލަވާނޭ ކަމަށެވެ.
ރައްޔިތެއްގެ އަމިއްލަ ކަމެއް ކަމުގައިވިޔަސް، އަދި ޖަމައީ ކަމެއް ކަމުގައިވިޔަސް، ރައްޔިތުން ފާޅުކުރެއްވި ބިނާކުރަނިވި ހިޔާލުތަކަށް ސަމާލުކަންދެއްވައިގެން އެކަންކަން ބައްލަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.





