މިއަހަރު ރާއްޖެ ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އޭނާ އަށް މަރުހަބާ ކިޔާފައިވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. އަދި މި ހާއްސަ ހަފްލާގައި ފަތުރުވެރިކަމާބެހޭ ވަޒީރު ތާރިގު އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި ދެ މިލިއަން ފަތުރުވެރިއަކީ އިނގިރޭސިވިލާތުގެ ބެތަނީ ސޭރާއެވެ. އަދި ސޭރާއާއިިއެކު އޭނާގެ ފިރިމީހާވެސް ރާއްޖެ އައިސްފައިވެއެވެ. ސޭރާ ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާ އަށް ދެ މިލިއަންވަނަ ފަތުރުވެރިޔާ ލަގަބު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ސޭރާ ބުންޏެވެ.
ސޭރާ ބުނީ ރާއްޖޭގެ ރައްޔިތުންނަކީ ހިތްހެޔޮ އެކުވެރި ބައެއް ކަމަށާއި ރާއްޖެއަށް އޭނާ ދޭނީ 10 އިން 10 އެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން އައުމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތެއްގެ ބުރަ މަސައްކަތާއެކު ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 1،977،342 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފަވެއެވެ. މިދިޔަ އަހަރު ނިމުން އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 2،046،615 ގައިކަން ފާހަގަކުރެވެއެވެ.





