ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރި އުޅޭ ބަންގްލަދޭޝް މީހުން އަންބުރާ ފޮނުވާލުމުގެ މަސައްކަތުގައި ބަންގްލަދޭޝްއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބަންގްލަދޭޝް ޕޮލިހުގެ އިސްވެރިޔާ އިންސްޕެކްޓާ ޖެނެރަލް ބަހާރުލް އަލަމްއާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓާޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށްއުޅޭ މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާއި އެކަން ހައްލުކުރުމަށް މައުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ކުށުގެ މާހައުލުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ކަންކަމުގައި ދެ ގައުމުގެ ފުލުހުންގެ އިދާރާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެ ގައުމުންވެސް ދީފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެކި ގައުމުތަކުން އަންނަ މަސައްކަތްތެރިންގެ ފަރާތުން ދިމާވާ ބައެއް ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ނަވީން ވަނީ ބަންގްލަދޭޝްގެ ވަފުދާ ހިއްސާކުރައްވާފައެވެ. އަދި ދިވެހި ފުލުހުންގެ ގާބިލްކަން އިތުރު ކުރުމަށް ބަންގްލަދޭޝް ޕޮލިސް އެކަޑަމީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ހަމައެހެންމެ ގުދުރަތީ ކާރިސާތަކާއި ކުއްލި ހާލަތުގައި ފުލުހުން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބަންގުލަދޭޝް ފުލުހުންގެ ތަޖުރިބާ ދިވެހި ފުލުހުންނަށް ހިއްސާ ކުރުމާއި، އެ ދާއިރާއިން ދިވެހި ފުލުހުން ތަމްރީނު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި އެސެމްބްލީގެ ތެރެއިން ނަވީން ވަނީ ގިނަ ގައުމުތަކެއްގެ ފުލުހުންގެ އިސްވެރީންނާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ނަވީން ވަނީ ސްރީލަންކާ، ފްރާންސް، ޔޫއޭއީ، ޗައިނާ އަދި ޖަޕާނުގެ ފަރާތުން އިންޓާޕޯލް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެލައްވާ އެ ގައުމުތަކުގެ ވަފުދުތަކާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ކުށްކުރުމުގެ ވައްޓަފާޅި ބަދަލުވަމުންދާ ގޮތާއި ކުށްކުރުން ހުއްޓުވުމަށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފަވެއެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ ސައިބާ ކްރައިމްގެ މައްސަލަތަކާއި ޑްރަގް ޓްރެފިކިން އަދި ޓެރަރިޒަމްއާ ގުޅުންހުރި ކުށްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
ހަމައެހެންމެ މި ބައްދަލުކުރެއްވުން ތަކުގައި ތަހުގީގު ކުރުމުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރުމާއި ޓެކްނިކަލް ދާއިރާތަކުން ޓްރެއިނަރުން ތަމްރީނުކުރުމާއި ފްރަންޓްލައިން ޕޮލިސިން ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.





