މަސައްކަތް ކުރައްވަނީ އަންނަ ރޯދަމަހުގެ ކުރިން ގިނަ މިސްކިތްތަކުގެ މަސައްކަތް ނިންމާ ހުޅުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހއ. ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް މިއަދު ހުޅުވާފައިވާތީ އެކަމުގެ އުފަލުގައި އެރަށު ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ނިންމައި، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުހާނާއަކާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫއުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރަމަޟާން މަހުގެ ކުރިން ހުޅުވިގެންދާނެ ކަމަށެވެ.
”މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެެސް ޑިސެންބަރު މަހު ފެށިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.
”އަޅުގަނޑުގެ ދުއާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ތައުފީގު ދެއްވުން. އާމީން.“ ރައީސް ވިދާޅުވިއެވެ.
ހއ.ދިއްދޫގައި ބިނާކުރި މި މަރުކަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި މި މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު ތިނެއްގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވާ ޝަހީދު އުމަރު އަހުމަދުގެ ނަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މަސްޖިދު ޝަހީދު އުމަރު އަހުމަދުގެ ނަމުން މި މިސްކިތަށް ނަންދިނީ، ޝަހީދު އުމަރު އަހުމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.





