- އިސްތިހާރު -spot_img

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަކުރީ ބ. ތުޅާދޫ / މަންޒަރުގެ، އުމުރުން 23 އަހަރުގެ މުހައްމަދު ޝާވިންއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ޑޮލަރު މާރުކުރުމަށް ވައިބާ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފާކުރަން، އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެންޓި ސްކޭމް ސެންޓާގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އޭނާ ހައްޔަރުކުރީ ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ހިނގާފައި ދަނިކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިކަވާކޮށްފައިވެއެވެ. އަދި އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާވެސް ރިކަވާ ކުރެވިފައިވާ ކަމަށެވެ.އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި އެކި ހިދުމަތް ފޯރުކޮށްދޭކަމަށްބުނެ، ރައްޔިތުންގެ ތެރެއިން އެކަންކަމަށް ބޭނުންވާ ފަރާތްތަކުން އެ ހިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ހިދުމަތްތައް ފޯރުކޮށްދޭނެކަމަށް ބުނެ އެހިދުމަތަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވެއެވެ. އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެފައިސާއަށްވާ މުދާ ނަގަމުންދާކަން ފާހަގަކުރެވިފައިވާއިރު އާންމު ރައްޔިތުންނާއި ވިޔަފާރިކުރައްވާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަން ދެއްވުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ބަލައި ޔަގީން ކުރުމަށާއި، ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާނަމަ އެފައިސާއަކީ ކޮން ގޮތަކުން ޖަމާވި ފައިސާއެއްތޯ، ފައިސާ ހަވާލުކުރުމުގެ ކުރިން ޔަގީންކުރުމާއި ސައްކުކުރެވޭ ކަމެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށާއި ރައްކާތެރިވެ ތިބުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި