ފުވައްމުލަކު ސިޓީ ހިމެނޭހެން ރާއްޖޭގެ 10 އަތޮޅެއްގެ 22 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ބުނީ އެސްޕަޔާ އަދި އަރައިސް މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ 10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ޖުމްލަ 36 މެގަވޮޓުގެ އާ ކަރަންޓުގެ ހަކަތަ އުފެދި، ކަރަންޓުގެ ހަކަތަ އިތުރުވެގެންދާނެ ކަމަށެވެ.
އެވުޒާރާއިން ބުނީ މި މަޝްރޫއުއަކީ ރާއްޖެއިން އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫއުގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށްވާއިރު މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވި، މުސްތަގްބަލުގައި ގައުމުގެ އިގްތިސާދަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމުގެ ސަބަބުން ހަކަތައިގެ ގޮތުން ރަށްތަކުގެ މިނިވަންކަން އިތުރުވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިގްތިސާދީ ގޮތުން ފައިދާހުރި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީއާއި އެހެނިހެން ރަށްތަކުގައި މި ސިސްޓަމްތައް ބަހައްޓައި ނިމުމުން، ރާއްޖޭގެ ކާބަން ފޯފީޓް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށްވެސް އެވުޒާރާއިން ބުންޏެވެ.





