- އިސްތިހާރު -spot_img

”ސިލޯނާއިއެކު ދިވެހީން“ ގެ ޓެލެތޯންއަށް 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ސްރީލަންކާއަށް ދިމާވެފައިވާ ގުދުރަތީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯން ޝޯވްއަށް މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

މި ޝޯވް ފެށީ އިއްޔެ ހެނދުނު 9:00 ގައެވެ. އަދި މި ޝޯވް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ފަހު 2:00 ޖެހުމާއި ހަމައަށެވެ.

ޕީއެސްްއެމްއިން ބުނީ ބީއެމްއެލްގެ ފަރާތުން ޓެލެތޯންއަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ހެނދުނު 8:30 ޖެހުމާއި ހަމައަށް 5,729,941 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 5،087،837 ރުފިޔާ އަކާއި 41،641 ޑޮލަރުވެސް ހިމެނޭ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

މީގެ އިތުރުންވެސް މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށާއި ޓީވީއެމްގެ ބިލްޑިން ގެ އިތުރުން މާލޭގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.

މި ޓެލެތޯންގައި ޖުމްލަ 37 މީޑިއާއެއް ބައިވެރިވެފައިވެއެވެ. ކުރިން މިޝޯވް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެގެ މެންދަމު 1:00 ޖެހުމާއި ހަމައަށެވެ. ނަމަވެސް ޕީއެސްއެމްއިން ބުނީ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ވޭތުވެދިޔަ ހަފްތާގައި ސްރީލަންކާއަށް ބޯކޮށްވާރޭވެހި ފެންބޮޑުވި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 330 އަށް އަރާފައެވެ. އަދި މިހާތަނަށް ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ. މި ހާދިސާގައި 20،000 އަށް ވުރެ ގިނަ ގެ ސުންނާފަތިވެފައިވާއިރު 108،000 ވުރެ ގިނަ މީހުންވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވެސް ކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި