މިދިޔަ މަހު ސްރީލަންކާއަށް ބޯކޮށްވާރޭވެހި ފެންބޮޑުވި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ރެޑްކްރެސެންޓުން ރިލީފް ފަންޑެއް ހުޅުވައިފިއެވެ.
ރެޑް ކްރެސެންޓުން ބުނީ އިއްޔެއިން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ފަންޑަކީ ”ތޫފާން ޑިޓުވާ“ ގެ ސަބަބުން ސްރީލަންކާގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ކޯރުތައް ބަންޑުންވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ލަންކާގެ ރެޑްކްރޮސް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ”އެމްއާރްސީ ސްރީލަންކާ ރިލީފް ފަންޑް“ ގެ ނަމުގައި ގާއިމްކޮށްފައިވާ ފަންޑެއް ކަމަށެވެ.
ރެޑް ކްރެސެންޓުންވަނީ ބީއެމްއެލްއަށް ފައިސާ ޖަމާކުރުމަށް ދިވެހި ރުފިޔާ އެކައުންޓަކާއި ޑޮލަރު އެކައުންޓެއް ދީފައެވެ. އަދި އެމްއައިބީގެ ކަސްޓަމަރުން ފައިސާ ޖަމާކުރުމަށްވެސް ދިވެހި ރުފިޔާ އެކައުންޓަކާއި ޑޮލަރު އެކައުންޓެއްވެސް ދީފައިވެއެވެ.
ހަމައެހެންމެ ކިއުއާރު ކޯޑު ސްކޭންކޮށްގެންވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ރެޑް ކްރެސެންޓުން ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.
ރެޑް ކްރެސެންޓުން ބުނީ މި ރިލީފް ފަންޑަށް ލިބޭ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މިހާދިސާގައި ސްރީލަންކާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
ސްރީލަންކާގާއި ފެންބޮޑުވި ހާދިސާގައި މަރުވި މީހުންގެ އަދަދު 334 އަށް އަރާފައިވާއިރު 400 އަށް ވުރެގިނ މީހުންވަނީ ގެއްލިފައެވެ.




