ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 ވަނަ އަހަރަށް ފަސް ކުރަން ސަރުކާރުން ނިންމައިފިއެވެ.
ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ލަފާއާއި އެއްގޮތަށް ރައީސްގެ ގަރާރަށް އިސްލާހް ގެންނަވާފައިވަނީ އިއްޔެއެވެ.
މިގޮތުން އެމަނިކުފާނު ބަދަލު ގެންނެވީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށެވެ. އަދި އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށްކަންވެސް ފާހަގަކުރެވެއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި އިސްލާޙު ގެންނެވުމުގެ ކުރީން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައި ވަނީ، މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
އެހެންނަމަވެސް މި އިސްލާޙާއެކު، ތާރީހު މިހާރުވަނީ 1 ޑިސެންބަރު 2027 އަށް ފަސްކުރައްވާފައެވެ. އަދި މި އިސްލާޙު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް 1 މާރިޗު 2026 ނިންމާފައިވީނަމަވެސް މި އިސްލާޙާއެކު މި ތާރީހު 1 ޖޫން 2028 އަށް ބަދަލުކުރައްވާފައިވެއެވެ.
އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 14 ބާވަތެއް މަނާކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ:
- ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި ސަމުސާ، ވަޅި، އޫ އަދި ދިޔާ އެއްޗެހި ގިރުމަށް ބޭނުންކުރާ ދަނޑި ކޮޅި
- ސްޓައިރަފޯމް ތަށި
- 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކް ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
- ޕްލާސްޓިކް ޕެކެޓު ފިޔަވާ އެހެނިހެން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑުކޮޅު ލާފައި ހުންނަ ކަފަބުރު
- 50 މިލިލީޓަރުން ފެށިގެން 50 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް
މި އިސްލާހުތައް ގަރާރު ނަންބަރު 35/2025 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނައި، ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިކުކޮށްފައިވެއެވެ.




