- އިސްތިހާރު -spot_img

”މުޖުތަމައުއެއް ބިނާކުރުމަށް ހުރިހާ ފަންތިއެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރަންޖެހޭ“

މުޖުތަމަައުއެއް ބިނާ ކުރުމަށް ހުރިހާ ފަންތިއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ، މި އަހަރުގެ ޝިއާރު ބިނާކޮށްފައިވާ، އިޖުތިމާއީ ކުރިއެރުން ހޯދުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމައުތައް ބިނާކުރުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ރައީސް ވިދާޅުވީ މިކަމުން ރަމްޒުކޮށްދެނީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގައިވެސް އެފަރާތްތައް ޝާމިލުކޮށް، އެކަމަކަށް އިޖާބަދޭ މުޖުތަމައެއް ބިނާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ހަގީގީ މާނައިގައި ޝާމިލު މުޖުތަމައެއް ގާއިމުކުރެވޭނީ، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އިގުތިސާދީ ބާރުވެރިކަން ލިބިދީގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ދުރާލާ ދެނެގަތުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި މިއީ އެފަރާތްތަކުގެ އިގްތިސާދީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ރައީސް ވިދާޅުވީ ހިދުމަތްތައް ހޯދުމާއި، އާންމު ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ހުރި ދަތިތަކާއި، މައުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު ދާއިރާތަކެއް ކަމަށާއި، މިފަދަ ހުރަސްތައް ގިރާކޮށް، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން އުޖާލާކުރުމަށް މަސައްކަތްކުރާ އާއިލާތަކަށާއި، ޖަމިއްޔާތަކަށާއި، ދަރުމަވެރިންނަށް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ.

މި މެސެޖުގައި އެމަނިކުފާނު ވަނީ އުނގެނުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވައިލައްވާފައިވާ އެކްޝަން ޕްލޭންގެ މައްޗަށް އަލިއަޅުވާލައްވާ ރައީސް ވަނީ ކޮންމެ ފަރުދެއްގެވެސް ގާބިލުކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފަދަ މުޖުތަމައެއް ބިނާކުރެއްވުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީން ދެއްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި