- އިސްތިހާރު -spot_img

”ބަންދުގައި ތިބޭ އިރު ”ވާނުވާ“ ނޭންގި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެ“

ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު ”ވާނުވާ“ ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ތާޖުދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ

ވާނުވާ ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވާ، އެކަންކަން ކޮށްދެއްވާފައިވާ ކަމަށެވެ.

އެގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުއީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދައިން ކަންކަން ހަމަޖެހެން ފެށުމާއެކު، ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ވާނުވާ“ ބަންދުގައި މި ވަގުތު ތިބި މީހުންގެ އަދަދާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައް އާންމު ރައްޔިތުންނާ ހިއްސާ ކުރައްވާ ރައީސް ވިދާޅުވީ ”ވާނުވާ“ ބަންދުގައި މި ވަގުތު 347 މީހުން އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުންގެ އިތުރުން، ޓެރަރިޒަމާއި، މީހުން މެރުމާއި، މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަޅު ފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި މިފަދަ ކުށް ކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމައުގެ ތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ވިދާޅުވީ މާލީ އަދި އިދާރީ ގޮތުންވެސް ޝަރުއީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށެވެ. އަދި އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމެއް ކުރުމަށް ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި