ސްރިލާންކާއަށް މިދިޔަ މަހު ބޯކޮށްވާރޭވެހި ފެންބޮޑުވި ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖެއިން ހަދިޔާކުރާ، މަސްދަޅު ކޭސްތައް ހިފައިގެންދިޔަ ބޯޓު މިއަދު ހެނދުނު ލަންކާއަށް ބަނދަރުކޮށްފިއެވެ.
”ޑިޓުވާ“ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެހީތެރިވެދިނުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް އެ ގައުމަށް ހަދިޔާކޮށްފައިވާއިރު މަސްދަޅު ކޭސް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރުގައެވެ.
ހަދިޔާކުރި މަސްދަޅު ކޭސްތައް، މިއަދު ރަސްމީކޮށް އެ ގައުމާ ހަވާލުކުރާނީ ދިވެހި އެމްބަސީގެ ފަރާތުންނެވެ.
އަދި މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ، ލަންކާ ސަރުކާރާ ހަވާލުކުރައްވާފައެވެ. މީގެ އިތުރުން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ހަދިޔާކޮށްފައިވާއިރު މި ފައިސާވެސް ރާއްޖޭގެ ހާރިޖީ ވުޒާރާއާއި ހަވާލުކޮށްފައިވެވެ.
މިހާތަނަށް ލަންކާއަށް 70 ގައުމަކު އެހީތެރިކަންދީފައިވާކަން ފާހަގަކުރެވެއެވެ. އަދި އެހީތެރިކަން ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ، އިންޑިއާ، އިނގިރޭސިވިލާތު، ޕާކިސްތާނު ފަދަ ގައުމު ހިމެނެއެވެ.




