”މީޑިއާ މައުރަޒު 2025“ އިއްޔެ ހަވީރު ފަށައިފިއެވެ.
މި މައުރަޒު ފައްޓަވާދެއްވީ އިއްޔެ ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަޙީމް އަބްދުﷲއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އާއި އިސްލާމީ ވުޒާރާގެ އިސްވެރިން ބައިވެރިވެފައެވެ.
އިސްލާމީ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން އެ ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މި މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެއްކަން ފާހަގަކުރެވެއެވެ.
މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ހުތުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބިގެންދާނެއެވެ.
މި މައުރަޒު އިއްޔެ ކުރިއަށް ގޮސްފައިވަނީ ހަވީރު 16:00 އިން 18:00 އަށެވެ. އަދި މިއަދު ހެނދުނު 10:00 ޖެހިއިރު މައުރަޒު ފަށާފައިވާއިރު މިއަދުގެ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 18:00 އާއި ހަމައަށެވެ.
މި މައުރަޒުގައި ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޝައިހުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.





