ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ރިޔާސަތުގެ ފަސް އަހަރު ދުވަހުގެ ދައުރެއްގައި، އަދި ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިއްޔެ ތަސްދީގުކުރައްވައިފިއެވެ.
ރައީސް މި ބިލް ތަސްދީގު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުނަށް ތިން ވަނަ އިސްލާޙު ގެނައުމުގެ ތެރެއިންނެވެ.
މި ބިލަކީ، މި މަހު އެއްވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އަދި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ކަނޑައަޅައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ.
ބިލުގައިވާ ގޮތަށް ބަލާނަމަ ދައުލަތުގެ ހަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމުވެސް ހަމަޖެއްސެވުމަށް ކަނޑައަޅާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ހަރަދު އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެ މީހަކު ދެވަނަ ދައުރަކަށް އިންތިހާބުވުމާއި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގެ ތެރޭގައި އިނާޔަތް ލިބުން މެދުކެނޑޭނެ ކަމަށް ވަނީ ކަނޑައަޅާ ބަޔާންކޮށްފައެވެ.
ހަމައެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި، އެ މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ މީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.




