ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާ ކަމަށާއި، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާޙުކުރައްވަން ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ، މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލްގައި ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބޯހިޔާވަހި ކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ހައްލެއް ހޯއްދަވައިދެއްވާ ކަމަށެވެ.
މީގެ އިތުރުން އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވަމުން ރައީސް ވަނީ ވައުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށްވެސް ހައްލު ހޯއްދަވާއިދެއްވާނެ ކަމަށެވެ. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިން އިމާރާތް އެޅުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތް ކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތްކުރައްވައި، މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާޢަތަށް ހާއްސަ އޮފީސް އިމާރާތެއް ތަރައްގީކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕެންޝަން ފަންޑު ބޭނުންކުރެވޭ މިންވަރު އިތުރުކުރެއްވުމާ ބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ބައެއް ހާއްސަ ހާލަތްތަކުގައި އެ ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެކަން އިހުސާސްވާ މިންވަރަށް އެ މިނިވަންކަން ފެންނަމުންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގައުމީ ބޮޑެތި ނިންމެވުންތައް ނިންމަވަނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާގެ މަތީންކަން ތަކުރާރުކުރައްވައި، މިއަދު ވޯޓަކުން އެ ސުވާލު ކުރެއްވިކަމުގައިވިޔަސް، އެކަން ސާބިތު ކުރެވޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެންސްޕާ އިން އެހީ ހޯދުމުގެ އިޖުރާއަތްތަކާ މެދު ހުށަހެޅުއްވި ޝަކުވާއެއްގެ ޖަވާބުގައި، އެކަން އިތުރަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ހުރި ދަތިތައް ހައްލު ހޯއްދަވާދެއްވާނެ ކަމަށެވެ. އަދި ހަވާސާވެފައިވާ އެފަދަ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރެއްވުމަށް އަހައްމިއްޔަތުކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާ ސިޓީތަކަށް ޖަވާބު ދެއްވުމުގައި ބެކްލޮގުތައް ފިލުވައި، އަވަހަށް ޖަވާބުދެއްވުމަށް އިތުރު ހިތްވަރެއް ލައްވާނޭ ކަން ފާޙަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް، ސީދާ އެމަނިކުފާނާ ބައްދަލުކުރައްވައިގެންނާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވަޒީރުން މެދުވެރިކުރައްވައިގެން ކަންބޮޑުވުން ހިއްސާކުރެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވާނޭ ކަމަށެވެ.
މީގެ އިތުރުންވެސް ރައްޔިތުން އެކި ދާއިރާތަކުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާވެސް އީޖާބީ ގޮތެއްގައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަގީން ރައީސްވަނީ ދެއްވާފައެވެ.





