މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ފަހު 14:00 އާއި ހަވީރު 15:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރާ ސަރަހައްދުތަކުގެ ތެރޭގައި މާލެ ސިޓީ، ހިލާލީ މަގު، އަލަމާ ގޯޅި، ޖަވާހިރު މަގު، ޖަވާހިރު ހިނގުން، ކޯރު ކެނޑި މަގު، ރިޔާސީ ހިނގުން، ރައިވެރި ހިނގުން އަދި އިސްކަންދަރު މަގު ހިމެނެ އެވެ.
މި ފަހަކަށް އައިސް މާލެ އަދި ހުޅުމާލެ ސަރަހައްދު ތަކުގައި ކަރަންޓުގެ މައްސަލަ ހުންނަކަން ފާހަގަ ކުރެވެއެވެ. މި ކަންކަން ހައްލު ކުރުމުގެ ގޮތުން ސްޓެލްކޯ އިން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށް، ކަރަންޓު ކެނޑޭ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންކަން ފާހަގަކުރެވެ އެވެ.
އެ ކުންފުނިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށްވެސް އެދިފައެވެ.





