ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އަށް އަތޮޅެއްގައި 12 އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބެއްގައެވެ.
ވަޒީރު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި އެ ސިނާއަތުން ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅައި މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވުނު ކަމަށެވެ.
ވަޒީރު ވިދާޅުވީ މ. މުލީ އެއާޕޯޓުން ހިދުމަތް ދޭން ފަށައި، އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ދާއިރާގައި ބައިނަލްއަގްވާމީ ގުޅުންތައްވެސް އިތުރަށް ވަރުގަދަ ކުރުމަށް، 37 އެއާ ސާވިސް އެގްރިމެންޓުގައި ސޮއިކޮށް 16 އެމްއޯޔޫގައި ސޮއިކޮށްފައިވާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މި ސިނާއަތާއި ގުޅުންހުރި ވިޔަފާރިތަކުގައި ދިވެހިންނަށް އެކަނި ހަރަކާތްތެރިވެވޭގޮތަށް ގަވާއިދުތަށް ބަދަލުކޮށް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ފްލޯޓް ޕްލޭން އޮޕަރޭޝަންގައި ރާއްޖެއިން ހޯދާފައިވާ ފަންނީ ތަޖުރިބާ އެހެން ގައުމުތަކާއި ހިއްސާކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މަދަނީ އުދުހުންތަކުގެ ދައިރާ ހިމެނޭހެން މިހާރު ހޯދަމުންދާ ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަސައްކަތާއެކު މިއަދަށް ވުރެ ފަހި މާދަމާއެއް ހާސިލް ކުރުމަށް މި ސިޔާސަތުތަކުގެ ތެރެއިން މަސައްކަތް ކުރެވޭ ކަމަށެވެ.
ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަނީ ޑިސެމްބަރު 7 ވަނަ ދުވަހުއެވެ.





