- އިސްތިހާރު -spot_img

ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް، އާ ސާމާނުތަކާއި ހިދުމަތްތަކެއް އިފްތިތާހުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި ފުލުހުން ބަހާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި ރަނގަޅުކޮށް، ހަރުދަނާ ކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފުލުުހުންގެ ހިދުމަތުގެ އާ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިފްތިތާހުކޮށްފިއެވެ.

މި ކަމަށް އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ”ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025“ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ ޑރ. މުހައްމަދު ކިނާނަތުއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް އެޕްލިކޭޝަނަކާއި ސައިބާ ޕޯޓަލްއެއްވެސް ވަނީ އިފްތިތާހު ކޮށްފައެވެ. އެގޮތުން ޕޮލިސް އެޕްލިކޭޝަން އިފްތިތާހް ކޮށްދެއްވީ ކިނާނަތުއެވެ. އަދި ސައިބާ ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

ޕޮލިސް އެޕްލިކޭޝަންގެ ފީޗާސްތަކަށް ބަލާއިރު ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ހިމެނޭއިރު އެޕްލިކޭޝަން ހިމެނޭ އެހެން ފީޗާސްތަކުގެ ތެރޭގައި ސްކޭމް ޗެކްކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗާސްތައް ހިމެނެއެވެ.

ސައިބާ ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމަކަށްވާއިރު ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކުގެ އިތުރުން އީމެއިލް އެޑްރެސްތައް ހޯދޭނެ ގޮތް މި ސައިބާ ޕޯޓަލްގައިވާކަން ފާހަގަކުރެވެއެވެ.

ހަމައެހެންމެ މި ރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށްފައިވާ ފްލީޓް މެނޭޖްމަންޓް ސިސްޓަމާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އަދި މުވައްޒަފުން އެންމެ ގިނައިން ބޭނުންކުރާ އެންޓްރީ މެނޭޖްމަންޓް ސިސްޓަމާއި ފުލުހުންގެ އުމްރާނީ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގެ އަދާހަމަ ފަސޭހައިން ބެލޭނެ އިންތިޒާމްތައް ފަހިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޮލިސް އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓްސް ސިސްޓަމް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ފަސީޙުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ އެކި ބަހާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި