ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމަކީ ދެކުނު އޭޝިއާގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރު ކުރެވޭނެކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ“ސާކް ޗާޓާ ޑޭ“ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސްވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށްވެސް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީ ކުރުމާއި، އާންމު ސިއްހަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިގްތިސާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި، ހިއްސާވާ ތަރައްގީ ކަށަވަރުކުރުން ފަދަ ނާޒުކު މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްގީ އާއި ފުދުންތެރިކަން އިތުރުވެގެންދާނޭ ކަމަށެވެ.
”ސާކް ޗާޓާ ޑޭ“ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.





