ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުން ކުރިއަށްދާނީ މާދަމާ ރޭ 20:30 ގައި ރެހެންދި ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތުވެސް އަރުވާފައެވެ.
ރައީސްގެ މި ބައްދަލުވުމުގައި އެންމެ ފަހުން ބައްދަލުކުރައްވާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަލާހުއްދީން ސްކޫލުގައެވެ.
މި ބައްދަލުވުމުގައިވެސް ރައްޔިތުން ބޭނުންވާ އަދި ކަންބޮޑުވާ ކަންތައްތައް އަޑުއައްސަވާ އެ ކަންކަން، ގާނޫނުގެ ތެރެއިން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.





