މަސްތުވާތަކެއްޗާއިއެކު މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ހަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ހުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) ކަމަށެވެ.
މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ވަނީ ފެނިފައިއެވެ. އަދި އެ ތަކެތީގެ ބަރު ދަނުގައި 377.39 ގްރާމް ހުރި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މޫސާ ޝަހީމް އާއި ހުސައިން ޝަރުވާން އަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު ނިޝާ ރާއި އަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރު ކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.





