ސްކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުންކުރުމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަން ހައްލުކުރެއްވުމަށްޓަކައި، އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްގައި ކިޔަވައިދޭ ގަޑީގައި ދަރިވަރުންނަށް ފޯނު ބޭނުން ނުކުރެވޭނެހެން، އެކަން ތައުލީމީ ވުޒާރާއިން ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާއިއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަންކަން އިސްލާޙުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި އިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް އިމާރާތް ނަންގަވާނަމަ، ތިރީ ފްލޯގައި ޕާކިން ގާއިމުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންއަށް އެންމެ ތިރީފްލޯ ހާއްސަކުރެވި، މީގެ އިތުރުން އެއް ފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތުކުރައްވާ ނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލް ވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ގޯތި ތަކުގައި ދިހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް އެއްވެސް މާލީ ލުޔެއް ލިބިފައިނެތް ކަމަށާއި އެހެންކަމުން މި ގޯތިތަކުގެ އެގްރީމަންޓުގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް މި ސަރުކާރުން ދެއްވާނެ ކަމަށެވެ. އަދި އެގޮތުން މި ގޯތިތަކުގެ ބާކީ ދައްކަން އޮތް އަދަދުން އެބައި ކެނޑިގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.





