ވައިބާ އެކައުންޓެއް ހެކްކޮށްގެން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ހުސައިން ފާރިޝް އުމަރު (22އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން ފައިސާ ހޯދާފައިވާކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ހަސަން އަޒުރާހު (39އ) އާއި ގ. މާލޭހިޔާ 1-16-03 / މާލެ، އަހްމަދު ހައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ހުސައިން ސަމާހު (33އ) އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.





