ނ. މާފަރުގައި ގާއިމުކުރި އައު ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ ރޭ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާންއެވެ.
މި އިމާރާތަކީ ރީޖަނަލް ކަސްޓަމްސްގެ ހިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅު ތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިނގި މަޝްރޫއެކެވެ. އަދި މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު، ފިއުޗާ ހޯމް ޕްރައިވެޓް ލިމިޓެޑާއިއެވެ.
މި އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް ކަމަށްވާއިރު މި އޮފީހުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި އެ އެއާޕޯޓް މެދުވެރިކޮށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ މުދަލާއި ގުޅިގެން ކަސްޓަމްސްއިން ނިންމަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނިންމުމާއި، އެކަންކަން ވިލަރެސް ކުރުމެއެވެ.
މި އިމާރާތަކީ 8.66 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަމަށްވާއިރު މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގައިގެ އިތުރުން 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއަކާއި މީޓިން ރޫމެއްވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަހައްދާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ހިދުމަތްތަކަށްވެސް ކުރިއެރުން އަންނާނެ ކަމަށެވެ. އަދި އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތްކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
އެ މަޝްރޫއަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަސްޓަމްސްގެ ކުރިއެރުމާއި މާފަރު ހިމެނޭ ސަރަހައްދުގެ ތަރައްގީއަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމަށެވެ.





