ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ ހާއްސަ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 12 ތަނެއް ބަލައި ފާސްކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޓާސްކް ފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މި ދިޔަ ހޯމަ ދުވަހު ވަނީ މާލޭގައި ހިންގަމުންދިޔަ 12 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
މިފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ”ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް“ އިން މަސައްކަތްކުރަމުންދާއިރު ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރަމުންދެ އެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާ އެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށެވެ.





