ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރު ކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނި ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދު ފަހަރު ބަލައި ފާސްކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގްރޭޓާ މާލެ އޭރިއާއިން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނި ފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނި ފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދު ތަކުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.
އޭގެ އިތުރުން މި ހަރަކާތުގެ ތެރެއިން، އޮޑިދޯނި ފަހަރާއި ބޯޓު ފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމައެހެންމެ ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒު ކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެކަން ފާހަގަކުރެވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ތިން ވަނަ ދުވަހާއި ހަމައަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ އެހީތެރިކަމާ އެކުގައެވެ.





