ކުރިއަށް އޮތްތަނުގައި މިސްކިތްތައް ހުޅުވުމަށް ޒުވާން ހަތީބުން ރާއްޖޭގެ ކަންކޮޅުތަކަށް ފޮނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިއްޔެ ހުޅުމާލެ ފޭސް ދޭއްގައި އަލަށް ހުޅުވި މިސްކިތް ”މަސްޖިދުލް އީމާން“ ހުޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލެ މަސްޖިދުލް އީމާން ހުޅުވައި، ހުކުރު ނަމާދުގެ ހަތީބު އަހުމަދިއްޔާ އިންޓާނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރު އަލްހާފިޒު އުވައިސް ބިން އިނާޒުގެ ހުތުބާ ކިއުން ފުރިހަމަވެފައި އެހާމެ ރީތި ކަމަށެވެ.
ޒުވާން ހަތީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ހުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ހާއްސަ ތަމްރީނުތައް ކުރިއަށްގެންދާއިރު މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބޭނެކަން އެވުޒާރާއިން ބުނެއެވެ.





