މި ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން މިހެން ބުނީ އެ ކޮމިޝަނާ ބެހޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެޗްއާރުސީއެމް އިން ބުނީ އެ ކޮމިޝަނުގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ހަމައެހެންމެ އެ ގޮތުން އެ ކޮމިޝަނުގެ ފަރާތުން އިސްވެދެންނެވުނު ހާލަތާއި ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެ ކަމަށްވެސް އެކޮމިޝަނުން އިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުންދާނީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ރާއްޖޭއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކުގެ އިމުގެ ތެރެއިން ކަމަށެވެ.
ހަގީގަތާއި ހިލާފު ވާހަކަތަކާއި މާނަ އޮޅޭގޮތަށް ދައްކާ ދޮގު ވާހަކަތަކުގެ ނިކަމެތިކަން ލިބޭނެ ބައެއް ކަމުގައި ނުލެއްވުމަށް އެދި އެކޮމިޝަނުންވަނީ ދުއާވެސް ކޮށްފައިވެއެވެ.





