ކުރިއަށްއޮތް ދެ އަހަރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު މި މަހު 17 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާނެ ކަމަށެވެ.
އެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، މި ދާއިރާއިން ކުރިއަށް އޮތް ދެ އަހަރު ދުވަހު ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރަން ކަނޑައަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ކަންކަން އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ކަންކަމެއްގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުން ދާނެ ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ފަރާތުން ރައީސަށް ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވާދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވާފައިވާއިރު ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވާ އޭގެ ތެރެއިން ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ގެންނަވާފައިވެއެވެ. އަދި މުދާ ކްލިއާ ކުރުމުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވައި، ދިވެހި ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





