އަންނަ ޖެނުއަރީ މަހު ހުޅުމާލެއިން ހެޔޮ އަގުގައި ފްލެޓް ގަތުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެންމެންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އޭގެ ތެރޭގައި ތަނަވަސް މީހުންނަށް ފްލެޓާއި ބިން ގަނެވޭނެ ގޮތް ހެދުން ހިމެނޭ ކަމަށެވެ. އަދި ގެދޮރު ހެދުމަށް ސަރުކާރުން ތައާރަފުކުރި ތަފާތު ލޯނު ސްކީމްތަކަށް ލިބިފައިވާ ތަރުހީބު ބޮޑު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ”ރަށްވެހީ“ގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ ސްކީމަށް އެދި 1329 އެޕްލިކޭޝަން ހުށަހަޅާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރާ ”ސަހަރު“ ސްކީމަށް 586 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި ހަ މިލިއަނާ ހަމައަށް ލޯނު ދޫކުރާ ”ފަހިމާލެ“ ސްކީމަށް 341 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ހިޔާވަހި ފައިނޭންސިން އަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޭ ލޯނެއް ނޫން ކަމަށެވެ. އަދި މި ސްކީމްގެ ދަށުން މިހާތަނަށް 717 ފަރާތަކަށް ލޯނު އެޕްރޫވްކޮށްފައިވާއިރު، އެއީ ޖުމްލަ 821 މިލިއަން ރުފިޔާގެ ލޯނު ކަމަށްވެސް ވަޒީރު ވިދާޅުވީއެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ބުރުގައި އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.





